ހޯމަ20180924

އާކުރެވުނީ: 08:43:52

އިމާމް ޙަސަނުލް ބައްނާ

hasanul banna1ޚަބަރު ފަތުރާ ވަސީލަތްތަކުގައި މުސްލިމުންނާ ބެހޭ ގޮތުން، ނުވަތަ ސިޔާސީ އިސްލާމީ ހަރަކާތްތަކާއި ބެހޭ ގޮތުން ވާހަކަ ދައްކާ އިރު ވަރަށް ގިނައިން އަޑު އިވޭ ބަހެއް އޮވެއެވެ. އެއީ "އިޚްވާނުލް މުސްލިމޫން" އެވެ. ހުޅަނގުގެ ޚަބަރުފަތުރާ ވަސީލަތްތަކުގައި ކިޔާ ގޮތުން ނަމަ "މުސްލިމް ބްރަދަރހޫޑް" އެވެ. މިއީ ކޮން ބައެއް ހެއްޔެވެ؟ ފެއްޓުނީ ކިހިނެއް، އަދި ކާކު އަތް މައްޗަށް ހެއްޔެވެ؟ ފުރަތަމަ މި ބަލާލަނީ އިޚްވާނުލް މުސްލިމޫން ގެ ހަރަކާތުގެ ބާނީ ކަމުގައިވާ ޙަސަނުލް ބައްނާ އަށެވެ.

އުފަންވެވަޑައިގަތުން:

ޙަސަނުލް ބައްނާ ގެ ފުރިހަމަ ނަންފުޅަކީ ޙަސަން އަޙްމަދު ޢަބްދުއްރަޙްމާން އަލްބައްނާ އެވެ. އުފަންވެވަޑައިގަތީ މިޞްރުގެ ބުޙައިރާ މުޙާފަޡާގެ މަޙްމޫދިއްޔާ އޭ ކިޔޭ ރަށުގައެވެ. އެއީ 25 ޝަޢްބާން 1324 - 14 އޮކްޓޯބަރު 1906 ވަނަ އަހަރުގައެވެ. ޙަސަނުލް ބައްނާ ނިސްބަތް ވެވަޑައިގަންނަވަނީ މިޞްރުގެ މެދުފަންތީގެ ދަނޑުވެރި، ދީންވެރި ޢާއިލާ އަކަށެވެ.

ޙަސަނުލް ބައްނާގެ ކާފަ ޢަބްދުއްރަޙްމާނަކީ، އެ ރަށުގެ ދަނޑުބިންތަކެއްގެ ވެރި އާދައިގެ ދަނޑުވެރިއެކެވެ. ނަމަވެސް ޝައިޚް އަޙްމަދު (ޙަސަނުލް ބައްނާގެ ބައްޕަ) ބޮޑުވަމުން އައީ ދަނޑުވެރިކަމާ ދުރު ވެއްޓެއްގައެވެ. ޢަބްދުއްރަޙްމާނުގެ އެދުމުގެ މަތިން ޝައިޚް އަޙްމަދު ޤުރުއާން ދަސްކުރާ ކުލާހަކަށް ގޮސް ކިޔަވައި، ތަޖުވީދު ދަސްކޮށް އިސްކަންދަރިއްޔާގައި ހުންނަ އިބްރާހިމް ބާޝާ މިސްކިތުން ދީނީ ޢިލްމު އުނގެނިވަޑައިގަތެވެ. އަދި ކިޔަވާވިދާޅުވަމުން އައި ދުވަސްވަރު އިސްކަންދަރިއްޔާގައި ހުންނަ ގަޑި ހަދާ ފިހާރައެއްގައި މަސައްކަތްކުރައްވާ އަދި ފަހުން ގަޑި ވިއްކުމުގެ ވިޔަފާރީގެ ތެރެއަށް ވަދެވަޑައިގަތެވެ.

ޝައިޚް އަޙްމަދު ޙަދީޘް ޢިލްމުގައި ފުންނާބު އުސްވެ، ސުންނަތަށް ތަފާތު ޚިދުމަތްތަކެއް ކުރެއްވިއެވެ. އެ ގޮތުން ލިޔުއްވި ފޮތްތަކުގެ ތެރޭގައި "އަލްފަތުޙުއް ރައްބާނީ ފީ ތަރުތީބި މުސްނަދު އަޙްމަދު" ހިމެނެއެވެ. ވީމާ ޙަސަނުލް ބައްނާ ބޮޑުފުޅު ވަމުން އައީ ދީނީ ވެއްޓެއްގައެވެ. އަދި މަސައްކަތެއްގެ ގޮތުން ޙަސަނުލް ބައްނާވެސް ކުރެއްވީ ބައްޕަގެ މަސައްކަތް ކަމުގައިވި ގަޑި ހެދުމެވެ.

ދަތުރުގެ ފެއްޓުން:

ޙަސަނުލް ބައްނާގެ ތަޢްލީމީ ޙަޔާތް ފެއްޓުނީ، މަޙްމޫދިއްޔާގެ ޤުރުއާން ކުލާހަކުންނެވެ. އެ ރަށު ތަފާތު އެދުރުބެއިން ގާތުން ޢިލްމު އުނގެނި ވަޑައިގަތުމަށްފަހު އެ ރަށާއި ކައިރި ރަށްރަށު އެދުރުބެއިން ގާތަށް ވެސް، ހަސަނުލް ބައްނާ ވަޑައިގަތެވެ. ނަމަވެސް މި ކުލާސްތަކުގައި އުޅުއްވި ދުވަސްކޮޅު ކުޑަ ކަމުން ޤުރުއާން ހިތު ދަސްކުރެއްވޭ ވަރެއް ނުވިއެވެ. އަދި ހަމައެކަނި ޤުރުއާން ދަސްކޮށް ދޭ ކުލާސްތަކަކީ ޙަސަނުލް ބައްނާ ގަޔާވާވެވަޑައިގެންނެވި ތަނަކަށް ވެސް ނުވިއެވެ.

ޙަސަނުލް ބައްނާ އިޢްދާދީ މަދަރުސާއަކަށް ފޮނުއްވަން އޭނާގެ ބައްޕާފުޅު އެއްބަސްވެވަޑައިގަތީ ފަހުން ޤުރުއާން ދަސްކުރާނެ ކަމުގެ ވަޢްދުވެވަޑައިގަތުމުންނެވެ. އިޢްދާދީ މަރުޙަލާ ނިންމެވުމަށްފަހު، ދަމަންހޫރު ގެ މަދަރުސާއަށް ވަޑައިގަތެވެ. އަދި 1923 ވަނަ އަހަރު ޤާހިރާގައި ހުންނަ "ދާރުލް ޢުލޫމް" އަށް ކިޔަވަން ވަޑައިގަތެވެ. އަދި 1927 ވަނަ އަހަރު ކިޔެވުން ނިންމެވިއެވެ. ކަން ދިމާވި ގޮތުން ޙަސަނުލް ބައްނާ ދާރުލް ޢުލޫމުގައި ކިޔަވާ ވިދާޅުވި ދުވަސްވަރަކީ، އެތާނގެ ކިޔަވައި ދިނުމުގެ މަންހަޖަށް ބޮޑެތި ބަދަލުތަކެއް އައި ދުވަސްވަރެކެވެ. ނަތީޖާއެއްގެ ގޮތުން ޢަރަބި ބަސް، އަދަބު، ދީން، ޖޯގްރަފީ، ތާރީޚް ގެ އިތުރަށް ސިޔާސީ ޢިލްމާއި އިޤްތިޞާދު ފަދަ ފަހުގެ ޢިލްމު ކިޔެވުމުގެ ފުރުޞަތު، ޙަސަނުލް ބައްނާއަށް ލިބިވަޑައި ގަތެވެ.

މަތީގައިވާ ޢިލްމުތަކާއި އެނުންވެސް ޢިލްމުތަކުގެ އެތަކެއް ހާސް ފޮތް ހިމެނޭ ބޮޑު ލައިބްރަރީއެއް ޙަސަނުލް ބައްނާގެ އަތްޕުޅުގައި ހުއްޓެވެ. މި ފޮތްތަކުގެ އިތުރުން އެ ދުވަސްވަރު މިޞްރުގައި ނުކުތް ތަފާތު މަޖައްލާތަކުގެ އެހީގައި ޙަސަނުލް ބައްނާ ވަޑައިގަތީ، ޢިލްމާއި ޘަޤާފަތް ދަސްކުރައްވަމުންނެވެ.

ދާރުލް ޢުލޫމް ނިންމެވުމަށް ފަހު، އިސްމާޢީލިއްޔާގެ މަދަރުސާއެއްގައި ޢަރަބި ބަހުގެ މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. ނަމަވެސް އިޚްވާނުލް މުސްލިމޫން ގެ ކަންތައްތަކަށް ވަގުތު އެއްކޮށް ހުސްކުރައްވަން، 1946 ވަނަ އަހަރު މުދައްރިސް ކަމުން އިސްތިޢްފާދެއްވިއެވެ.

ފިކުރު:

ޙަސަނުލް ބައްނާގެ ޝަޚްޞިއްޔަތާއި ފިކުރު އުފެދުމުގައި ވަރަށް ގިނަ ޢިލްމުވެރިންތަކެއްގެ އަސަރުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ދީނީ އިޞްލާޙަށް ގޮވާލެއްވި ޝައިޚް ޖަމާލުއްދީން އަލްއަފްޣާނީ އާއި ޝައިޚް މުޙައްމަދު ޢަބްދު އާއި ޝައިޚް މުޙައްމަދު ރަޝީދު ރިޟާ ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ފުރަތަމަ ދެ ބޭފުޅުންނާއި ބައްދަލު ނުވިއެއް ކަމަކު، މުޙައްދަ ރަޝީދް ރިޟާގެ ޙަޔާތްޕުޅުގެ ކުރު މުއްދަތެއްގައި ޙަސަނުލް ބައްނާއާއި ސިޓީ ބަދަލުކޮށް އުޅުއްވިއެވެ. އިސްލާމްދީނުގެ މެދުމިންކަމަށް ގޮވާލުމާއި އިޖްތިޙާދު ކުރުމާއި، އުއްމަތް އަލުން ތެދުވުމަށްޓަކައި ޤުރުއާނާއި ސުންނަތަށް ރުޖޫޢަވުމަކީ، ޝައިޚް ރަޝީދް ރިޟާ ގެ މަންހަޖެވެ. އިޚްވާނުލް މުސްލިމޫންގެ ފިކުރީ އަސާސެއް ކަމުގައި ބައްނާ ކަނޑައަޅުއްވާފައި ވަނީ ވެސް މި މަންހަޖެވެ.

ޖަމާޢަތް އުފެއްދުން:

ޢުމުރުފުޅުން 13 އަހަރުގައި ޙަސަނުލް ބައްނާ ވަޠަނީ ކަންކަމުގައި ބައިވެރިވެވަޑައިގަންވަން ފެއްޓެވިއެވެ. އެ ގޮތުން 1919 ވަނަ އަހަރު މިޞްރުގައި ތިބި އިނގިރޭސި ސިފައިންނާ ދެކޮޅަށް ކުރެވުނު މުޒާހަރާގައި ބައިވެރިވެވަޑައިގަތެވެ.

އިޚްވާން އުފެއްދެވެމުގެ ކުރިންވެސް ޙަސަނުލް ބައްނާ ވަނީ ޖަމްޢިއްޔަތުލް އަޚްލާޤު، ޖަމްޢިއްޔަތު މަންޢުލް މުޙައްރަމާތު، ފަދަ މާތް އަޚްލާޤަށް ގޮވާލާ މުންކަރާތްތައް މަނާ ކުރާ ތަފާތު ޖަމްޢިއްޔާތަކާއި ދީނީ ޖަމާޢަތްތަކުގައި މަސައްކަތް ކުރައްވާފައެވެ. އިޚްވާން އުފެއްދެވެމުގެ ކުރިން 1927 ވަނަ އަހަރު މުސްލިމް ޒުވާނުންގެ ޖަމްޢިއްޔާގެ ނަމުގައިވެސް ޖަމްޢިއްޔާއެއް އުފެއްދެވިއެވެ.

1924 ވަނަ އަހަރު ޢުޘްމާނީ އިސްލާމީ ޚިލާފަތް އުވާލެވުމުމުން، އިސްލާމީ ދުނިޔެއަށް އޮތީ ކުއްލި ހައިރާންކަމަކާއި، މާޔޫސްކަމެއް ކުރިމަތިވެފައެވެ. އަނެއްކޮޅުން އެ ވަގުތު މިޞްރު އޮތީ އިނގިރޭސިންގެ އިސްތިޢްމާރު ދަށުވެފައެވެ. ކަންތައް މިހެން އޮތުމުން، ވަޠަނުގެ މިނިވަންކަމަށާއި އިސްލާމީ ޘަޤާފަތަށް ގޮވާލާ ތަފާތު ހަރަކާތްތަކާއި ޝަޚްޞިއްޔަތުތައް މިޞްރުގައި ފަޅުވަމުން ދިޔައެވެ. އިޚްވާނުލް މުސްލިމޫން ވެސް އުފެއްދުނީ މި ދުވަސްވަރުގައެވެ.

1928 ވަނަ އަހަރު މާރިޗް މަހު އިސްމާޢީލިއްޔާގައި، ޙަސަނުލް ބައްނާ "އިޚްވާނުލް މުސްލިމޫން" ޖަމާޢަތް އުފެއްދެވިއެވެ. އަދި 26 އެޕްރީލް 1933 ގައި ''އަޚަވާތުލް މުސްލިމާތު'' ގެ ނަމުގައި އިޚްވާން ގެ އަންހެން ގޮއްޕެއް އުފެއްދެވިއެވެ.

އިޚްވާނުލް މުސްލިމޫން ޖަމާޢަތް އުފެދި، މުޖްތަމަޢްގެ ގިނަ ބައެއްގެ ތެރޭގައި މި ޖަމާޢަތް މަޝްހޫރުވެ ޖަމާޢަތް ފުޅާވެ މުޅި މިޞްރަށް ފެތުރިގެން ދިޔައެވެ. މައިގަޑު ސަބަބަކީ ފަޞާޙަތްތެރިކަމާއި، މީހުންނާ މުޚާޠަބުކޮށް މީހުންގެ ހިތް ދަމައިގަންނަފަދަ އާދަޔާ ޚިލާފު ކުޅަދާނަކަމެއް، ޙަސަނުލް ބައްނާގެ ކިބައިގައި ހުރުމެވެ. އަދި މިޞްރުގެ ހުރިހާ ހިސާބަކަށް ދަތުރު ކުރައްވާ، އިޚްވާން ގެ ރިސާލަތު މީހުންނަށް ފޯރުކޮށް ދިނުމެވެ.

ސާޅީހުގެ އަހަރުތަކުގެ ފަހުކޮޅުގައި އިޚްވާނުލް މުސްލިމޫން އަކީ އިޖްތިމާޢީ އަދި ސިޔާސީ ގޮތުން ނުފޫޒުގަދަ ޖަމާޢަތަކަށް ވެގެން ދިޔައެވެ. މި އާއެކު ޢަރަބި އަދި އިސްލާމީ ޤައުމުތަކުގައި މި ޖަމާޢަތުގެ ގޮފިތައް ހުޅުވުނެވެ.

އަބަދުވެސް ޙަސަނުލް ބައްނާ ވިދާޅުވަމުން ދިޔައީ އިޚްވާނުލް މުސްލިމޫން ޖަމާޢަތަކީ ފަހަރެއްގައިވެސް ސިޔާސީ ޕާޓީއެއް ނޫން ކަމަށެވެ. ކިއެއްތަ އެއީ ސާފު ސާދާ އިސްލާމް ދީނަށް އަލުން މުޖްތަމަޢް އައުމަށް ގޮވާލާ، ދިރިއުޅުމުގެ މަންހަޖަކަށް އިސްލާމް ދީން ނެގުމަށް ގޮވާލާ، އިޞްލާޙީ ޙަރަކާތެއް ކަމަށެވެ.

ޙަސަނުލް ބައްނާގެ އިޞްލާޙު ކުރުމުގެ ސިޔާސަތަކީ، ފުރަތަމަ ތަރުބިއްޔަތު ދެން ފިޔަވަޅަކަށްފަހު ފިޔަވަޅެއް އިޞްލާޙުގެ މަގުގައި ހިނގުމެވެ. އަދި ބޭނުންވާ ބަދަލު އޭގެ ފަހުން ގެނައުމެވެ. ޙަސަނުލް ބައްނާ ގޮވާލެއްވީ ފުރަތަމަ"މުސްލިމް ފަރުދެއް'' އޭގެފަހުން "މުސްލިމް ޢާއިލާއެއް" ދެން އެއަށްފަހު ''މުސްލިމް މުޖްތަމަޢެއް" ދެން އެއަށްފަހު "މުސްލިމް ސަރުކާރެއް" ދެން އެއަށްފަހު "އިސްލާމީ ޚިލާފަތެއް" ޤާއިމު ކުރުމަށެވެ.

1928 އިން ފެށިގެން 1949 ވަނަ އަހަރާއި ޖެހެން ދެން، ޙަސަނުލް ބައްނާ އިޚްވާނުލް މުސްލިމޫން ޖަމާޢަތް ހިންގެވިއެވެ. ސިޔާސީ އެހެން ޖަމާޢަތްތަކާއި ތަފާތު ފިކުރީ ހަނގުރާމަތަކެއް ކުރެއްވިއެވެ. ވަކިން ޚާއްޞަ ގޮތެއްގައި ލިބްރާލީ ވަފްދު ޕާޓީއާއެވެ. އަދި ''އިޚްވާނުލް މުސްލިމޫން'' ''އައްޝިހާބް'' ފަދަ ނޫސް މަޖައްލާތައް ނެރުއްވިއެވެ. އަދި ޝައިޚް މުޙައްމަދު ރަޝީދު ރިޟާ އަވަހާރަވުމުން ''އަލްމަނާރް'' ގެ މުޙައްރިރު ކަން ވެސް ކުރެއްވިއެވެ.

އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގެއި މިޞްރުގެ ވަޠަނީ ޙައްޤުތައް ހޯދައި މިނިވަންކަން ހޯދުމަށް ގޮވާލެއްވިއެވެ. އަދި މުޒާހަރާތަކާއި ބައްދަލުވުންތައް ބާއްވަވާ ހެއްދެވިއެވެ. އަދި އޭރު މިޞްރު ހިފައިގެން ތިބި އިނގިރޭސި ސިފައިންގެ އޮފިސަރުންނާ ސިފައިން މެރުމުގައި ވެސް އިޚްވާން މީހުން ބައިވެރިވެފައި ވެއެވެ.

އިޚްވާނުލް މުސްލިމޫން ގެ ލަނޑުދަނޑިތައް:

ޖަމާޢަތުގެ ލަނޑުދަނޑިތަކަކީ ކޮބައިކަން ކަނޑައަޅުއްވަމުން އިމާމް ޙަސަނުލް ބައްނާ ވިދާޅުވެފައިވެއެވެ:

''އަހަރެމެން ބޭނުންވަނީ މުސްލިމް ފަރުދެއް، މުސްލިމް ގެއެއް، މުސްލިމް ރައްޔިތުންތަކެއް، މުސްލިމް ސަރުކާރެއް، އިސްލާމީ ޤައުމުތައް ގޮވައިގެން ކުރިއަށް ހިނގާނެ ދައުލަތެއް، ބައިބައިވެފައިވާ މުސްލިމުން އެއްކޮށް، ފޭރިގަނެވިފައިވާ މުސްލިމް ބިންތައް ހޯދައި، ދެން އެއަށް ފަހު ޖިހާދުގެ ދިދައާއި ﷲ ގެ މަގަށް ގޮވާލުމުގެ ދިދަ އުފުލައިގެން، އިސްލާމް ދީނުން ދުނިޔެއަށް ހަމަޖެހުން ގެނެސް ދިނުން.''

ވަކި ދެ ކަމަކަށް ބާރު ލައްވައި ޙަސަނުލް ބައްނާ ވިދާޅުވިއެވެ: ''ކަލޭމެން ހާސިލް ކުރަން ޖެހޭ ދެ ކަމެއް އޮތް ކަން އަހަރެން އަބަދު ވެސް ހަނދާންކޮށްދެން. އެ ދެކަމަކީ:

1- ބޭރުގެ ހުރިހާ ބާރަކުން އިސްލާމީ ވަޠަން މިނިވަން ވުން. މިއީ ކޮންމެ އިންސާނަކަށް ވެސް ލިބިގެންވާ ޙައްޤެއް. އަދި މި ކަމާ ދެކެޅު ހަދާނީ އަނިޔާވެރިއެއް ނުވަޔަ ޚުދުމުޚްތާރެއް.

2- ދެން މި މިނިވަން ވަޠަނުގައި އިސްލާމީ މިނިވަން ދައުލަތެއް ޤާއިމުކުރުން. އެއީ އިސްލާމްދީނުގެ ޙުކުމްތަކާ އެއްގޮތަށް ޢަމަލު ކުރާ އިޖްތިމާޢީ ނިޒާމުގައި ދީން ތަންފީޒު ކުރެވޭ ދައުލަތެއް. ދީނުގެ މަބާދިއުތައް އިޢްލާންކޮށް އެހެން މީހުންނަށް އެ މަބާދިއުތައް އަންގައިދޭ ދައުލަތެއް. މި ބުނި ދައުލަތް ޤާއިމު ކުރަން މަސައްކަތް ނުކުރަންޏާ ހުރިހާ މުސްލިމުންވެސް ފާފަވެރިވާނެ.''

މަތީގައިވާ ދެ ލަނޑުދަނޑި ހާސިލް ކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިކަން އިމާމް ބައްނާ ބަޔާން ކުރައްވާފައި ވެއެވެ. އެއީ:

1- ހަށިގަނޑުގެ ޞިއްޙަތު ރަނގަޅު މުސްލިމް އިންސާނެއް އުފެއްދުން. އޭނާގެ އަޚްލާޤަކީ ރަނގަޅު އަޚްލާޤެއް. އޭނާ އަކީ ފިކުރު ހޭލުންތެރި މީހެއް. މަސައްކަތް ކޮށްގެން އާމްދަނީ ހޯދޭނެ މީހެއް. ޢަޤީދާ ރަނގަޅު މީހެއް. ރަނގަޅަށް އަޅުކަން ކުރާ މީހެއް. ނަފްސާ ޖިހާދު ކުރެވޭނެ މީހެއް. ވަގުތަށް ފަރުވާތެރި މީހެއް. ކަންތައްތަކުގައި އިންތިޒާމު މީހެއް. ވަޠަނާއި މުޖްތަމަޢާއި އެހެން މީހުންނަށް ފައިދާ ހުރި މީހެއް.

2- މުސްލިމް ގެއެއް އުފެއްދުން. އެ ގެއަކީ ހުރިހާ ކަމެއްގައި ވެސް އިސްލާމީ އަދަބުތަކާއި އަޚްލާޤަށް ރައްކާތެރިވާ ގެއެއް. ރަނގަޅު ޢަޤީދާއަކާއި ރަނގަޅު ތަރުބިއްޔަތަކާއި ރަނގަޅު ޘަޤާފަތެއް ހޯދައި ދެވިއްޖެނަމަ، ރަނގަޅު އަންބެއް އިޚްތިޔާރު ކުރަން މުސްލިމް ފިރިހެނާއަށް އެނގޭނެ. އަނބިމީހާގެ ޙައްޤު އަދާކޮށް އަނބިމީހާ އަށް އޮންނަ ވާޖިބު ފުރިހަމަ ކުރުވަން އެނގޭނެ. ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމުގައި އަނބިމީހާއާއި ބައިވެރިވާނެ. އެހެން މީހުންނާ ރަނގަޅަށް މުޢާމަލާތު ކުރާނެ. އަދި މުޖްތަމަޢާއި އުއްމަތަށް ފައިދާ ހުރި ކަންތައްތައް ކުރާނެ.

ދެން މުސްލިމް ޢާއިލާއެއް އެކުލަވާލެވުނީމާ، މުސްލިމް މުޖްތަމަޢެއް އެކުލަވާލެވޭނެ. އޭރުން އެ މުޖްތަމަޢް ވެގެން ދާނީ ހެޔޮކަންތަކަށް އަމުރު ކުރާ ނުބައިކަންތައް ނަހީ ކުރާ މުޖްތަމަޢަކަށް. މާތް އަޚްލާޤަށް ހިތްވަރު ދެވޭނެ. މަސައްކަތާއި އުފެއްދުންތެރިކަން އޮންނާނެ. އަމާނަތްތެރިކަމާއި ޤުރުބާންވުން އޮންނާނެ.

މުސްލިމް މުޖްތަމަޢަކާ ހަމައަށް ވާސިލްވުމަކީ، މުސްލިމް ސަރުކާރެއް އިޚްތިޔާރު ކުރެވޭނެ ކަމެއް. އެ ސަރުކާރު ވާނީ ﷲ ގެ ޝަރީޢަތުގައި ހިފަހައްޓާ ﷲ އެންގެވި ގޮތަށް ރައްޔިތުންނާ މެދު ކަންތައް ކުރާ ސަރުކާރަކަށް. މިނިވަންކަމާއި އަމާންކަމާއި ޚިޔާލު ފާޅު ކުރުމާއި މަސައްކަތް ކުރުމާއި ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ވެސް ލިއްބައި ދޭނެ. ޤަރާރު ނެގުމުގައި ބައިވެރި ކުރާނެ.

މުސްލިމް މުޖްތަމަޢަކުން އުފެދޭ ސަރުކާރެއް އޮންނާނީ އިސްލާމީ އުއްމަތުގެ ޚިދުމަތުގައި. އުއްމަތުގެ އަޖީރެއްގެ ގޮތުގައި. އުއްމަތުގެ މަޞްލަހަތަށް މަސައްކަތް ކުރާ ބައެއް ކަމުގައި. މި ސަރުކާރުގެ މެންބަރުން އިސްލާމް ދީނަށް އުޅޭނެ. ދީނުގެ ފަރުޟުތައް އަދާ ކުރާނެ. އަދި މުޖްތަމަޢްގައި އުޅޭ ޣައިރު މުސްލިމުންގެ ވެސް ބޭނުން ހިފައިގެން އުއްމަތުގެ މަންފާއަށްޓަކައި މަސައްކަތް ކުރާނެ.

ފުރިހަމަ މިނިވަންކަމާ އެކު މުސްލިމުން އިޚްތިޔާރު ކުރާ ސަރުކާރެއް އުފެދި، މި ސަރުކާރު ﷲ ގެ ޝަރީޢަތަށް ބޯލެނބުމުގެ މާނައަކީ، އެހެނިހެން އިސްލާމީ ޤައުމުތައް ގޮވައިގެން ކުރިއަށް ދާނެ ދައުލަތެއް އުފެއްދުނީއޭ. އޭރުން ބައިބައިވެފައި ތިބި މުސްލިމުން އެއްކޮށް، މުސްލިމުންގެ މަތިވެރިކަން އަލުން ހޯދައި، ފޭރިގަނެވިފައިވާ ބިންތައް ހޯދޭނެ.

އެއްކުރެވިފައިވާ އިސްލާމީ ދައުލަތެއް ނުވަތަ އެކުވެރި އިސްލާމީ ދައުލަތްތަކެއް އުފެދުމުން، އުއްމަތުގައި ދައުލީ ސިފަ ޖެހޭނެ. އަދި ދުނިޔޭގައި މިނިވަންކަމާއި އަމާންކަމާއި ޙަޟާރަތު ޤާއިމު ކުރުމުގައި އޭގެ ދައުރު ފާޅުވެގެންދާނެ. އަދި އެހެނިހެން ބާރުތަކުން އުއްމަތުގެ މައްޗަށް އަތްގަދަ ކުރަން ކުރަމުންދާ މަސަކަތައް އެޅޭ ހުރަހަކަށް ވެގެންދާނެ.

 

ފަލަސްޠީނު މައްސަލަ:

ފަލަސްޠީނު މައްސަލައަކީ ބައްނާ ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވި މައްސަލައެކެވެ. އަދި އެއީ މުޅި އިސްލާމީ ދުނިޔޭގެ އެންމެ އިސް މައްސަލަ ކަމަށް ވިދާޅުވިއެވެ. ''އިނގިރޭސިންނާއި ޔަހޫދީންނަށް އެނގޭނީ އެންމެ ބަހެއް. އެއީ ބާރާއި ލޭގެ ބަސް'' ބައްނާ ވިދާޅުވިއެވެ. އިސްލާމީ އުއްމަތާ ދެކޮޅަށް ހުޅަނގުގެ ބާރުތަކާއި ޞަހްޔޫނީން ގުޅިގެން ރާވާ ރޭވުންތައް ޙަސަނުލް ބައްނާ ދެނެވަޑައިގަތެވެ.

އެހެންވެ، ފަލަސްޠީން ބައި ކުރުމަށް 1947 ވަނަ އަހަރު އ.ދ އިން ނެގި ޤަރާރާ ދެކޮޅު ހެދުމަށް ބައްނާ ގޮވާލެއްވިއެވެ. އަދި ހުރިހާ މުސްލިމުންނަށް ވަކިން ޚާއްޞަކޮށް އިޚްވާން މެންބަރުންނަށް، ފަލަސްޠީނަށް ޖިހާދަށް ދާން ގޮވާލެއްވިއެވެ. އަދި ވިދާޅުވިއެވެ. ''ޤިޔާމަތާ ޖެހެންދެން ވެސް ފަލަސްޠީން ބިމުގެ ކޮންމެ ކައިވަތަކީ ވެސް ޢަރަބި އިސްލާމީ ބިމެއް ކަމުގައި ބޭއްވުމަށް، އިޚްވާން މުސްލިމޫން މީހުން އެ މީހުންގެ ފުރާނައާއި މުދާ ހޭދަކުރާނެ''. މުސްލިމުންގެ ބިން ފޭރިގަތް ޔަހޫދީންނާ ދެކޮޅަށް މުޤްދަސް ޖިހާދެއް، 6 މޭ 1948 ވަނަ އަހަރު އިޢްލާން ކުރައްވައި، މުޖާހިދުންގެ ކަތީބާތައް ފަލަސްޠީނަށް ފޮނުއްވިއެވެ. މިކަން ވެގެން ދިޔައީ މިޞްރު ސަރުކާރު، އިޚްވާނުލް މުސްލިމޫން ޖަމާޢަތް އުވާލަން މެދުވެރިވި އެއް ސަބަބުކަމުގައެވެ. އަދި ނުޤްރާޝީ ބާޝާ ގެ ސަރުކާރާއި އިޚްވާނުންނާއި މުޑިއަރާ ޖެހޭގޮތްވިއެވެ.

 

ޙަސަނުލް ބައްނާ ޝަހީދުވުން:

8 ޑިސެމްބަރ 1948 ވަނަ ދުވަހު ބޮޑުވަޒީރަކަށް ހުންނެވި މަޙްމޫދް ފަހުމީ އައްނުޤްރާޝީ (ނުޤްރާޝީ ބާޝާ)، އިޚްވާނުލް މުސްލިމޫން ޖަމާއަތް ރޫޅާލެވިއްޖެ ކަމަށް އިޢްލާން ކުރެއްވިއެވެ. އަދި ޖަމާޢަތުގެ ފައިސާއާއި މުދާ ހިފަހައްޓައި، ގިނަ މެންބަރުންތަކެއް ހައްޔަރުކޮށް ޖަލަށް ލެއްވިއެވެ. އެހެން މެންބަރުން ހައްޔަރު ކޮށްގެން ދެވުނު ކާރަށް ޙަސަނުލް ބައްނާ އަރާ ވަޑައިގެން، އެ މީހުންނާ އެކު ދާން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ސިފައިން ބައްނާ ހައްޔަރެއް ނުކުރިއެވެ.

ދެން ސަރުކާރުން ކުރި ކަމަކީ، ޙަސަނުލް ބައްނާ ގެ ކާރު އަތުލައި ޑްރައިވަރު ހައްޔަރުކޮށް، އަމިއްލަ ސަލާމަތަކަށް ގެންގުޅުއްވި ހުއްދަދެވިފައިވާ ފިސްތޯލަ ވެސް ނެގުމެވެ. އަދި ބައްނާ ވަޑައިގަންނަވާ ތަނަކަށް އަރިއަހުގައި ދާ ބައްނާގެ ދެ ކޮއްކޮ އިން ވެސް ސަރުކާރުން ހައްޔަރު ކުރިއެވެ.

މަލިކް ފާރޫޤް ގެ އަމުރަށް، ޖިނާއީ ތަޙްޤީޤާ ބެހޭ ބައިގެ މުދީރަކަށް އޭރު ހުރި މުޙައްމަދު ޢަބްދުލް މަޖީދު އޭ ކިޔާ މީހަކު އޭރު ދިޔައީ، ބައްނާ ޝަހީދުކޮށްލަން ރާވަމުންނެވެ. 21 ފެބްރުއަރީ 1949 ގެ ރޭގަނޑު އަށެއް ޖެހި އިރު، މުސްލިމް ޒުވާނުންގެ ޖަމްޢިއްޔާ ގެ އޮފީހުން ޙަސަނުލް ބައްނާ ނުކުމެވަޑައިގަތެވެ. އޮފީހުން ފޯނު ވާ އަޑަށް، ބައްނާ އާ އެކުގައި ތިރިއަށް ފޭބި އެކުވެރިއާ އެތެރެއަށް ދިޔައެވެ. ބަޑީގެ އަޑަށް އޭނާ ފޭބި އިރު 9979 ނަމްބަރު ކާރުގައި އައި ބަޔަކު ޙަސަނުލް ބައްނާ ގައިކޮޅަށް ބަޑި ޖަހާފައި ފިލަނީއެވެ.

ނަމަވެސް ޙަސަނުލް ބައްނާގެ ފުރާނަފުޅަށް ނުރައްކާވާ ވަރަށް ޒަޚަމްވެވަޑައެއް ނުގަތެވެ. ޤަޞްރުލް ޢައިނީ ހަސްފަތާލަށް ގެންދެވުމަށް ފަހު ސަރުކާރުގެ އަމުރަށް އެއްވެސް ފަރުވާއެއް ނުދީ، ޝަހީދުވަންދެން ޙަސަނުލް ބައްނާ ބޭއްވުނެވެ. ފަހު ނޭވާ ލެއްވީ އެ ރޭ ބާރަ ގަޑި ބައިގައެވެ.

ސަރުކާރުން ބޭނުންވީ ފަސްދާނުލެވެންދެން ހަށިކޮޅު ހަސްފަތާލުގައި ބާއްވާށެވެ. ނަމަވެސް ޙަސަނުލް ބައްނާގެ ބައްޕަ އެކަމާ އެއްބަސްވެ ނުލެއްވުމުން، ހެނދުނު ނުވައެއް ޖަހަން ވާ އިރަށް ފަސްދާނު ލައި ނިންމަން ޖެހޭނެ ކަމަށް ޝަރުޠުކޮށް، ސަރުކާރުން ހަށިކޮޅު ހަވާލު ކުރިއެވެ. އަދި ޖަނާޒާގައި އެއްވެސް ފިރިހެނެއް ބައިވެރި ވިޔަ ވެސް ނުދިނެވެ.

އިމާމް ޙަސަނުލް ބައްނާ އަވަހާރަވެވަޑައިގަތުން ވީ އިސްލާމީ އުއްމަތަށް ލިބުނު ފޫބައްދަން ދަތި ގެއްލުމަކަށެވެ. މިޞްރާއި މިޞްރު ބޭރުގައި ތިބި އިސްލާމީ އުއްމަތުގެ ޢަދުއްވުން އެ ކަމަށް އުފާކުރި ކަމަކަށެވެ.

ޙަސަނުލް ބައްނާ މި ދުނިޔެ ދޫކުރެއްވިޔަސް، އޭނާ އިންދެވި ގަސް މި އަދު ވަނީ ބޮޑުވެ މޭވާ އަޅަން ފަށާފައެވެ. ފާއިތުވި ފަންސާސް އަހަރު ތެރޭގައި އެ ގަސް މަރާލަން ތަފާތު މަސައްކަތް ބަޔަކު މީހުން ކުރު ކަމުގައި ވިޔަސް، އެ ކަން ވަނީ ކާމިޔާބު ނުވެފައެވެ. މިއަދު ދުނިޔޭގެ އިސްލާމީ އެތައް ޤައުމެއްގައި އިޚްވާނުލް މުސްލިމޫންގެ ގޮފިތަކެއް ނުވަތަ އެ މަދަރުސާއަށް ތަބާވާ އިސްލާމީ ޖަމާޢަތްތަކެއް ވަނީ އުފެދިފައެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.